Wednesday, May 16, 2007

ތަރައްޤީގެ އާމަރުހަލާ އަކަށް. . .

' އައި،ޑީ،ޕީގެ ރިޔާސީ މެނިފެސްޓޯ 2008 ' ދިވެހި ރައްޔިތުންނަށް ހުށަހެޅުމުގެ އުފާ ލިބިގަންނަމެވެ. މިލުއިފޮތް މިހުށަހަޅަނީ މިޕާޓީން ހިންގާ ސަރުކާރެއްގައި ގެންގުޅޭނޭ އުސޫލުތަކާ ރާއްޖެ ތަރައްޤީ ކުރުމުގައި މިޕާޓީން ގެންގުޅޭ ޚިޔާލުތައް ތިޔަ ލޮބުވެތި ރައްޔިތުންނަށް ހާމަކުރުމަށާއި ރައްޔިތުންގެ ޚިޔާލެއްވާނަމަ އެޚިޔާލެއް އެފަދަ ޚިޔާލުތަކުން މި ސިޔާސަތުތައް މުއްސަދި ކުރުމުގެ މަޤްސަދުގައެވެ.



މިއީ ތަރައްޤީގެ އާ މަރުހަލާއަކަށް ދިވެހިރާއްޖެ ގެންދިއުމަށް ޓަކައި އެކުލަވަލާފައިވާ ސިޔާސަތުތަކެކެވެ. އަދި އަޅުގަޑުމެންގެ މުޖުތަމަޢުގައި އަށަގަނެފައިވާ އެކިއެކި ނޭދެވޭ ކަންކަން ނައްތާލާ މިމުޖުތަމައު އަލުން ދިރުވާ، ތަރައްޤީގެ ގެ ހަމަހަމަ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ހޯދާ ދޭނެ ސިޔާސަތުތަކެއްވެސް.



މިޕާޓީ ދެކޭ ގޮތުގައި ދިވެހިރާއްޖެ މިއަދު މިވަނީ ހަރުދަނާ ސަރުކާރަކަށް ބޭނުންވެފައެވެ. ޒުވާން ސަރުކާރަކަށް ބޭނުންވެފައެވެ. މިޒަމާނުގެ ސަރުކާރަކަށް ބޭނުންވެފައެވެ. ވޭތުވި އެތަށް ޒަމާންތަކެއްވަންދެން އެއްބަޔަކު މިޤައުމު ހިންގުމުގައި ދެމިތިބުމުގެ ސަބަބުން ސަރުކާރުގެ ހަރުދަނާ ކަންކުޑަވެ އަމަލުވާ އެއްޗެއްސާއި ކޮރަޕްޝަން ފަދަ ތަފާތުއެކިއެކި އިޖްތިމާޢީ ބަލިމަޑުކަން ވަނީ މުޅިރާއްޖޭގެ އެކިކަންކޮޅަށް ފެތުރިފައެވެ. ތަރައްޤީގެ ދުވެލިވަނީ މަޑުޖެހިފައެވެ. ރައްޔިތުންނާ ސަރުކާރާ ދޭތެރޭ އޮންނަންޖެހޭ ގުޅުންވަނީ ކެޑިފައެވެ. ކޮންމެ ރިޔާސީ އިންތިޚާބަކާ ކައިރިވަމުންއަންނަ ވަރަކަށް ސަރުކާރުން ވަމުންދާ ފުއްދާނުދެވޭ ވަޢުދުތަށް އަޑުއަހާއަހާ ވަރުބަލިވެއްޖެއެވެ. ފޫހިވެއްޖެއެވެ.



އަޅުގަޑުމެންގެ ދީނާ ސަޤާފަތާ، އެއްބައިވަންތަކަމާ އަޚުވަންތަކަން އަދި އަމިއްލަ ވަންތަކަން ދިފާއު ކުރަމުން، ރާއްޖެ ތަރައްޤީގެ އާ މަރުހަލާއަކަށް ގެންދިއުމަށް ޓަކައި ރާއްޖެއަށް މިއަދު ބޭނުންވަނީ ފަސްނުޖެހި ކުރިއަށްދާ ޒުވާން ޓީމެކެވެ.ޖެހިލުންކުޑަކަމާ އެކު ކަންކަން ނިންމާ ވިސްނުންތޫނު، ސާބިތު، ޒުވާން ލީޑަރެކެވެ. އުދަގޫ ނިންމުންތައް އެހެން ދުވަހަކުން ނިންމަން ފަހަތަށް ދޫކޮށްނުލާ ކުރިއަށްދާ ސާބިތު ވެރިއެކެވެ.



ރައްޔިތުންގެ ހިތުގެ ޝުއޫރު ފާޅުކޮށް މިހާރު މިއޮތް ސަރުކާރަށް ނޫނެކޭ ބުނެ އާސަރުކާރެއް ދިވެހިރާއްޖެއަށް ގެނައުމުގެ ބާރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތިޔަ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެ އިންތިޚާބުގައި 30 އަހަރުވެފައިވާ ސަރުކާރަށް ނޫނެކޭ ވިދާޅުވެ ޒުވާން، ހަރުދަނާ، ސީދާ، ސާބިތު ވެރިޔަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަށްޓަކައި އިސްލާމިކް ޑިމޮކްރެޓކް ޕާޓީ އަށް ވޯޓު ދެއްވާށެވެ. ތިޔަ ބޭފުޅުން ދެއްވާ ވޯޓަކުން ދިވެހިރާއްޖެ ތަރައްޤީގެ އާ މަރުޙަލާ އަކަށް ގެންދެވިދާނެއެވެ. އަމަލުވާ އެއްޗެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވިދާނެއެވެ. އެއްފަސް ކުރެވިދާނެއެވެ. ލޯކަލް ގަވަރުމަންޓް ޤާއިމްކުރެވިދާނެއެވެ.



ޢުމަރު ނަސީރު

No comments: